ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރަށް ހުރަސް އެޅުމަށް ކަމަށް ނައިބު ރައީީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދުމުން، އެކަމަށް އިޝާރާތް ކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެމްޑީޕީން ހުށަހެޅީ އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ޖަވާބާދާރީވުމަށް މަޖިލިހުގެ މިއަދު ޖަލްސާއަށް އިހްސާން ހާޒިރުކޮށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

މިއަދުގެ ވޯޓު ގަޑީގައި އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް ވެސް ވަނީ އަހާފައެވެ.

މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 11 މެމްބަރުންނެވެ.

މިނިސްޓަރު ކަމުގައި އިހުސާން ބެހެއްޓުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވިއެވެ.

މިކަމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހާސާންގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.

އަދި މިދެންނެވި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

”މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް.“ ‏ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީީސް މުއިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށެވެ.