ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެއްޔަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

އަދި ރައްޔިތުން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިއުލާނު ކުރައްވާފައިވެސް ވެއެވެ.

މި ދައުރުގެ ތެރޭގައި، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ކުޑަހުވަދޫ ރައްޔިތުންނަށް އެމަނިކުފާނު މިދަތުރުފުޅުގައި ދެއްވިއެވެ.

ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މުޅި އަތޮޅުގެ ޢާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވީ މީދޫ ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.

އަދި ލަސްވެގެން ޖުލައި މަހު ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ހިދުމަތް ފައްޓަވައިދެއްވާފައެވެ.

މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައި މިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.