ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި ގިނައިން ފޮނި އެއްޗެހި ކެއުމަކީ ހަމައެކަނި ބަރުދަން އިތުރު ކުރުވާނެ ކަމެކެވެ.
ނަމަވެސް ފޮނި ކާއެއްޗެހި މާގިނައިން ކެއުމުގެ ސަބަބުން ސިއްހީ ގޮތުން ލިބޭނެ އެހެން ގެއްލުންތައްވެސް މަދެެއް ނޫނެވެ. މިގޮތުން ގިނަ ގިނައިން ފޮނި އެއްޗެހި ކާނަމަ، ހިތުގެ ބަލިތައް ޖެހުުމުގެ އިތުރުން ބައެއް ކަހަލަ ކެންސަރު ޖެހުމަށްވެސް މަގުފަހި ކުރުވާ ކަމަށް ބައެއް ސިއްހީ ލިޔުންތަކުގައިވެއެވެ.
ގިނައިން ފޮނި އެއްޗެހި ކެއުމަކީ ޑިޕްރެޝަން ނުވަތަ މާޔޫސްވުމުގެ ބައްޔަށް ތިބާ ހުށަހެޅިދާނެ ކަމެކެވެ. 8،000 މީހުން ބައިވެރިކޮށްގެން، 22 އަހަރުވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި، ދުވާލަކު 67 ގްރާމް ނުވަތަ އެއަށްވުރެވެސް ގިނައިން ހަކުރު ބޭނުން ކުރި މީހުން، ދުވާލަކު 40 ގްރާމަށްވުރެ މަދުން ހަކުރު ބޭނުންކުރި މީހުންނާ އަޅާބަލާއިރު، ޑިޕްރެޝަން ތަހައްމަލު ކުރަން ޖެހުން އިތުރެވެ.
މީގެއިތުރުން 69،000 އަންހެނުން ބައިވެރިކޮށްގެން، ހަމަ މިފަދަ ދިރާސާއެއް ކުރުމުންވެސް ލިބުނީ އެއް ނަތީޖާއެކެވެ. ގިނައިން ހަކުރު ބޭނުން ކުރެވޭނަމަ، ޑިޕްރެޝަނަށް މަގުފަހިވެގެންދާކަމެވެ.
މޭވާ އާއި ތަރުކާރީ ގިނައިން އެކުލެވޭ ޑައިޓަކީ ހަށިގަނޑުގެ ޓިޝޫތަކުގައި އިންފްލެމޭޝަން ދަށްކޮށްދޭ އެއްޗަކަށް ވާއިރު، ރިފައިންޑް ކާބްސް ގިނައިން ހުންނަ ޑައިޓަކީ އިންފްލެމޭޝަން ޕްރޮމޯޓްކޮށްދޭ އެއްޗަކަށް ވެދާނެއެވެ.
ކްރޮނިކް އިންފްލެމޭޝަން އަކީ މެޓަބޮލިކް ޑިސްއޯޑާ އަދި ކެންސަރު ފަދަ ސިއްހީ އެތައް ހާލަތްތަކަކާ ގުޅިފައިވާ ކަމެކެވެ. އެއް ދިރާސާއަކުން ދައްކާ ގޮތުގައި އިންފްލެމޭޝަން އަކީ ވެސް ޑިޕްރެޝަނާ ގުޅިފައިވާ ކަމަކަށް ވެދާނެއެވެ.
އިންފްލެމޭޝަންގެ ގިނަ އަލާމާތްތަކަކީ ވެސް ޑިޕްރެޝަން އާ އެކު އާންމު އަލާމާތްތަކެކެވެ. އޭގެތެރޭގައި ކާހިތް ނުވުމާއި، ނުނިދުން ހިމެނެއެވެ.
