އިޒްރޭލުގެ އަނިޔާވެރި އަސްކަރިއްޔާއިން އަންގާރަ ދުވަހު ޣައްޒާއަށް ވައިގެ ހަމަލާތަކެއްދީ، 400 މުސްލިމުން ޝަހީދުކޮށްލުމަށްފަހު، އެއީ ހަމައެކަނި ފެށުމެއް ކަމަށް ޔަހޫދީންގެ ނުބައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިޒްރޭލުގެ ގައުމީ ޓީވީ މެދުވެރިކޮށް އާއްމު ކުރި ވީޑިޔޯއެއްގައި އޭނާ ބުނީ މި ފަހަރުގެ ހަމަލާތަކަކީ ހަމައެކަނި ”ފެށުމެއް“ ކަމަށާއި، ޔަހޫދީންގެ ހަނގުރާމައިގެ ހުރިހައި ލަނޑުދަނޑިއެއް ވެސް ހާސިލު ކުރާނެ ކަމަށެވެ.

އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔަހޫދީންގެ އަމާޒަކީ، ހަމާސްއަށް ޕްރެޝަރުކޮށް، އެ ޖަމާއަތުން އަސީރު ކުރި އިޒްރޭލުގެ މީހުން ދޫކޮށްލަން މަޖުބޫރު ކުރުވުން ކަމުގައި ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިހައިތަނަށް 404 މީހުން ޝަހީދުކޮށްލާފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާއެކު، ޝަހީދުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޔަހޫދީން ޣައްޒާ އަށް އަލުން ހަމަލާ ދޭން ފަށާފައި ވަނީ، ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ.

މީގެ ކުރިން ވެސް، އެކި ނަންނަމުގައި ޔަހޫދީން ޣައްޒާއަށް އެތައް ހަމަލާތަކެއްދީ، ގިނަ ބަޔަކު ޝަހީދުކޮށްލިއެވެ.