އައިސްކްރީމް އަކީ ވަރަށް ގިނަ މީހުންނަށް ވަރަށް ވެސް ކަމުދާ، މީރު ބުއިމެކެވެ. އެނގޭހެއްޔެވެ؟

މިއީ މާ ބޮޑު އުނދަގުލަކާއި ނުލައި، ގޭގައި ވެސް ތައްޔާރުކޮށްލެވިދާނެ ކެއުމެކެވެ. އަސުރު އޮންލައިންގެ ކިޔުންތެރިންނާއި މި ހިއްސާ ކޮށްލަނީ ގޭގައި، އަނބުން އައިސްކްރީމް ހެދިދާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

ބައި ޖޯޑު ކޮށާފައިވާ އަނބު

އެއް ލީޓަރު ވިޕިން ކްރީމް

އެއް ދަޅު ގެރިކިރު

ކުޑަ ވެނީލާ އެސެންސް ކޮޅެއް

ކުޑަ ރީނދޫ ކުލަކޮޅެއް

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ، ކޮށައިފައިވާ އަނބު ޖޯޑު ކުޑަ ފެން ފޮދެއް އަޅައި، މިކްސްޗަރުން ރަނގަޅަށް ގިރައިލާށެވެ.

ވަރަށް އޮމާންކޮށް ހުންނަ ވަރަށެވެ. ބްލެންޑް ކުރި އަނބުކޮޅު އިހަށް ބަހައްޓާށެވެ.

ދެން ވިޕިން ކްރީމް ހޭންޑް މިކްސްރަކުން ރަނގަޅަށް އެއްކުރާށެވެ. އެއަށްފަހު ގެރިކިރު ދަޅު އަޅާށެވެ. ދެން އަޅަންވީ މީގެ ކުރިން ބްލެންޑް ކުރި އަނބުކޮޅެވެ.

އޭގެ ފަހުގައި ވެނީލާ އެސެންސް އަޅައި އެއްކުރާށެވެ. ދެން އަޅަންވީ ކުޑަ ކާ ކުލަ ކޮޅެކެވެ.

އެއްކޮށްލުމަށްފަހު، އައިސްކްރީމް އަޅަން ބޭނުންވާ ޓްރޭއެއް އަށް އަޅައި ފްރިޖުގައި ގަނޑު ކުރަން ބަހައްޓާށެވެ.