އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ޒުވާން ދެމީހުންގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހިގެން ހޮސްޕިޓަލަށް ގެނައީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
އެ ދެމީހުންގެ ހާލު ސީރިއަސްވެ، އުއްމީދު ކަނޑާލައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެއީ ކުރިން ދެމަފިރިންކަން އެނގިފައިވެއެވެ. ހާދިސާ ހިނގީ އެ ދެ މީހުންގެ ކޮޓަރީގައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ރޭ ދަންވަރު 23:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އަދި ދެ މީހަކު ޒަހަމްވެ، ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނައި ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

