އިޒްރޭލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލިތާ ދެ މަސް ދުވަސް ފަހުން، އަސީރުން މިނިވަން ކުރުމަށް ބާރު އެޅުމަށް ކަމަށް ބުނެ، އިޒްރޭލުން އަނެއްކާ ވެސް ޣައްޒާއަށް ހަމަލާ ދޭން ފެށީ މި ރަމަޟާން މަހުގައެވެ.
މި ހަމަލާތަކުގައި މިހައިތަނަށް 200 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ. މިއީ އެންމެ ހަފްތާއެއްގެ އަދަދެވެ.
މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ފެށި ހަނގުރާމައިގައި ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ އަދަދު ވަނީ 50،000 ފަހަނައަޅައި ގޮސްފައެވެ.
”ސޭވް ދަ ޗިލްޑްރަން“ އިން ބުނީ، އެންމެ ހަފްތާއެއްގެ ތެރޭގައި 270 ކުޑަކުދިން ޝަހީދުކޮށްލިއިރު، މިއީ މި ހަނގުރާމައިގައި ކުޑަ ކުދިންނަށް ކުރިމަތިލާން ޖެހުނު އެންމެ ބިރުވެރި ހަފްތާ ކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި އެތައް އިމާރާތެއް ސުންނާފަތި ކުރަމުންދާއިރު، އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާނެ ކަމަށާއި، އެހެންވެ، ހަނގުރާމައިގައި މިހައިތަނަށް ޝަހީދުވެގެންދިޔަ މީހުންގެ އަދަދު 61،000 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހަނގުރާމަ ހުއްޓައިލުމަށްފަހު އަލުން ފެށީ، ރަމަޟާން މަހުގެ 18 ވަނަ ދުވަހުއެވެ. ހަނގުރާމަ ފެށި ފަހުން، ޣައްޒާގެ 120،000 މީހުންނަށް ގެދޮރު ދޫކޮށް ސަލާމަތްތެރި އެހެން ހިސާބުތަކަށް ދާން މަޖުބޫރުވި ކަމަށް އދގެ ހިއުމެނިޓޭރިއަން އޮފީހުން ބުނެއެވެ.

