ބަންގްލަދޭޝްގެ ކޯރެއްގައި ދަތުރު ކުރަމުން ދިޔަ ބޯޓެެއް ބަންޑުން ޖަހާލައި، 24 މީހުން މަރުވެއްޖެއެވެ.
މާގިނައިން މީހުން އަރުވައިގެން ދަތުރު ކުރަމުން ދިޔަ މި ބޯޓު ފުރޮޅާލީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ އެސްއެމް ސިރާޖުލް ހުދާ ވިދާޅުވިއެވެ.
ބޯޓު ބަންޑުން ޖަހާލީ ޕަންޗާގަރް ޑިސްޓްރިކްޓުގއި އޮންނަ ކަރަޓޯއާ ކޯރުގެ ފުރަގަހުގައި ހުންނަ ހިންދޫ ފައްޅިއަކުން އެނބުރި އަންނަން އުޅެނިކޮށެވެ.
އާދީއްތަ ދުވަހުގެ ހަވީރުގެ ނިޔަލަށް ޑައިވަރުންނާއި އާއްމުންގެ ބައިވެރިވުމާއެކުގައި، މަދުވެގެން 24 މީހެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 12 އަންހެނުންނާއި އަށް ކުޑަކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ފުލުހަކު ބުނީ 25 ވަރަކަށް މީހުން އަދިވެސް ނުފެންނަ ކަމަށެވެ. އެ ސަރަހައްދުގެ މީޑިއާތަކުން ބުނީ މަދުވެގެން 10 މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ފޮނުވާލެވުނު ކަމަށެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަނގްލަދޭޝްގައި ކޮންމެ އަހަރަކު އެތައް ހާސް ހިންދޫންނެއް ބޮޑެޝްވަރީ ޓެމްޕަލްއަށް ޒިޔާރަތް ކުރެއެވެ.
އާދީއްތަ ދުވަހަކީ ބަނގްލަދޭޝްއާއި، އިރުމަތީ އިންޑިއާއާ ޖެހިގެން އޮންނަ އެންމެ ބޮޑު ހިންދޫ ފެސްޓިވަލް ކަމަށްވާ ދުރްގާ ޕޫޖާގެ ފެށުން ފާހަގަކޮށް، އެ ފައްޅިއަށް އާންމުން ޖަމާވި ދުވަހެވެ.
