މާލެއަށް ދަތުރުކުރަމުންދިޔަ ”ހޮޅުދޫ ބޯޓު“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓުގައި ރޭ 21:07 ހާއިރު އަލިފާން ރޯވެ، އެއްކޮށް އަނދައި ހުލިވި ހާދިސާގައި ގެއްލުނު މީހަކު ހޯދުމަށް ޑްރޯން ބޭނުންކޮށްގެން ބޮޑު ސަރަޙައްދެއް ބަލައިފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފްއެވެ.
އެމްއެންޑީއެފް އިން ބުނީ މުޝްފިގް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
މި މަސައްކަތުގައި، ކޯސްޓްގާޑްގެ ތިން އުޅަނދުގެ އިތުރުން، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން މަސައްކަތް ދަނީ ޙަރަކާތްތެރިވަމުންނެވެ.
އޭވިއޭޓަރސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، މުޝްފިގް ހޯދުމަށް މިހާރު ޑްރޯން ބޭނުންކޮށްގެން ވަނީ ބޮޑު ސަރަހައްދެއް ބަލައިފައެވެ.
ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ އަޕްޑޭޓް
– ސަރފޭސް ސަރޗްގެ ގޮތުގައި 53.04 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފަ.
– އަންޑަރވޯޓަރ (ޑައިވިންގ) ސަރޗްގެ ގޮތުގައި 64240 އަކަމީޓަރު ވަނީ ބަލާފަ.
ـ ވައިގެ މަގުން 1545 ސްކުއެއާ މޭލް (4000 އަކަ ކިލޯމީޓަރު) ވަނީ ބަލާފަ.
ބޯޓު އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

