”ހޮޅުދޫ ބޯޓުގައި“ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ގެއްލުނު ލ. މާވަށު، އަލީ މުޝްފިގް ޝަރީފް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި، އުމުރުން 25 އަހަރުގެ މުޝްފިގު ހޯދުމަށް 133 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

އަދި އަންޑާވޯޓާ ޑައިވިން ސާޗް ގެ ގޮތުގައި 143880 އަކަ މީޓަރު ބަލާފައިވާއިރު ވައިގެ މަގުން 5000 ސްކެއާ ކިލޯމީޓަރު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަހުލާގު ރަނގަޅު، ދީންވެރި ޒުވާނެއްގެ ގޮތުގައި މާވަށުގެ ގިނަ ބަޔަކު ސިފަ ކުރާ މުޝްފިގު ހޯދުމުގެ މަސައްކަތުގައި ޑްރޯން ވެސް ބޭނުން ކުރެއެވެ.

މި މަސައްކަތުގައި ކޯސްޓްގާޑްގެ ތިން އުޅަނދެއް ބައިވެރިކޮށްފައިވާއިރު އެއީ ކޯސްޓްގާޑް ޝިޕް ޣާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114އެވެ.