އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް، ހަމާސް ޖަމާއަތަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބުނެ، ޣައްޒާ އަށް އުދުވާނީ ހަމަލާތައް ދެމުން އަންނަ ޔަހޫދީން ސަދަގާތުގެ ގޮތުގައި ކެއުން ތައްޔާރު ކުރަމުންދިޔަ ބަދިގެއަކަށް ވައިގެ ހަމަލާއެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ހޯމަ ދުވަހުގެ ވަގުތެއްގައި މި ހަމަލާ ދީފައި ވަނީ، އެތައް ބަޔަކު ބަދިގެ ސަރަހައްދަށް އެއްވެ، ބަހަމުންދިޔަ ކާއެއްޗެހީގެ އިންތިޒާރުގައި ތިއްބައެވެ.

އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން މިފަދަ ހަމަލާއެއް ދިންއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އަސާސީ އެއްވެސް ބާވަތެއް އެތެރެކުރިޔަ ނުދީ ވަނީ ހިފަހައްޓައިފައެވެ.

މިއީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި، މެރުމަށް އިޒްރޭލުން ގެންގުޅޭ އުކުޅެކެވެ.

”އަރަބް ނިއުސް“ އިން ބުނީ، ކާބޯތަކެތި ސަދަގާތް ކުރަމުންދިޔަ ބަދިގެއަށް ދިން ހަމަލާގައި 30 މީހުން ޝަހީދުކޮށްލި ކަމަށެވެ. ޝަހީދުންގެ ތެރޭގައި ގިނައީ ވެސް އަންހެނުންނާއި ކުޑަކުދީންނެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދު ކުރަމުން އަންނައިރު، މިހާތަނަށް 1000 ހެލްތު ވޯކަރުންނާއި، 173 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.