ތައިލެންޑާއި މިޔަންމާއަށް އިތުރު ބިންހެލުންތަކެއް އަތުވެއްޖެއެވެ.
ތައި ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (ޓީއެމްޑީ)ގެ ބިންހެލުން އޮބްޒާވް ކުރާ ޑިޕާޓްމަންޓުން ބުނީ، ކުދި ގިނަ ލޮޅުންތައް އެރިއިރު، އެންމެ ބާރުގަދަ ލޮޅުމަކީ 5.5 މެގްނިޓިއުޑްގެ ލޮޅުމެއް ކަމަށެވެ.
މި ބިންހެލުން އައީ މިޔަންމާ އަށެވެ. އެއީ ތައިލެންޑު ބޯޑަރާ 10 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
މީގެ އިތުރުން ތައިލެންޑަށް 1.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މިޔަންމާ އަށް 3.4 އަދި 3.9 މެގްނިޓިއުޑްގެ އިތުރު ދެ ލޮޅުން ވެސް އައިސްފައިވެއެވެ.
މި ބިންހެލުންތަކަކީ މާޗު މަހުގެ 28 ވަނަ ދުވަހު މިޔަންމާ އަށް އައި 7.7 މެގްނިޓިއުޑް ބިންހެލުމުގެ ”އާފްޓަރ ޝޮކް“ ތަކެކެވެ.
އެ ބިންހެލުންތަކުގައި މިޔަންމާ އިން 3،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
މިޔަންމާއަށް އައި އެ ބިންހެލުން ތައިލެންޑުގެ ބެންކޮކަށް ވެސް އިހުސާސް ކުރެވުނެވެ.
ގުދުރަތީ ބައެއް ކާރިސާތައް ލަފާ ކުރެވުނަސް، ބިންހެލުން އަންނާނެ ވަގުތެއް ލަފާ ކުރެވޭނެ ގޮތެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

