ސީރިޔާގެ ގިނަ ސަރަޙައްދުތަކެއްގައި ކޮލެރާ ފެތުރުމުގެ ސަބަބުން 29 މީހުން މަރުވެއްޖެއެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު ބަލި ފެތުރެން ފެށިފަހުން ރެޕިޑް އެސެސްމަންޓް ޓެސްޓްތަކުން 338 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ހަލަބް ޕްރޮވިންސުން ކަމަށެވެ.

ހަލަބް ޕްރޮވިންސުން 230 ކޭސް ރިޕޯޓްކޮށްފައިވާއިރު 25 މީހަކު ވަނީ މަރުވެފައެވެ.

އދއިން މިމަހު ބުނެފައިވަނީ، މި ރޯގާއަކީ، ތަޣައްޔަރުވެފައިވާ ފެން ބޭނުންކޮށްގެން ދަނޑުގޮވާންކުރުމާއި، އުތުރުން ފެށިގެން އިރުމައްޗާ ހަމައަށް ސީރިޔާ ބައިކުރާ ޔޫފްރޭޓްސް ކޯރުގެ ރައްކާތެރި ނޫން ފެން ބޭނުންކުރުމުގެ ސަބަބުން ފެތުރެމުން އަންނަ ރޯގާއެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ރޯގާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އދއިން އަވަސް އިލްތިމާސްއެއް ކޮށްފައިވާއިރު، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ”ވަގުތުން ވަގުތަށް ޑެލިވަރީ ކުރެވޭނެ ކަމުގެ ޔަގީންކަން“ ދިނުމަށް ވެސް އދއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ސީރިޔާގެ އުތުރާއި ހުޅަނގު އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައިވާ އުތުރު އިރުމަތީ ސަރަހައްދުތަކާއި، އިދިކޮޅު ހަނގުރާމަވެރިންގެ ސަރަހައްދުތަކަށްވެސް މި ބަލި ފެތުރިފައިވާ އިރު، އެތައް މިލިއަން ބަޔަކު އެ ގައުމުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ވިދާޅުވެއެވެ.

މި މަހު ސީރިޔާގެ އިރުއުތުރުގައި ކޮލެރާ ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުންގެ ޢަދަދު 2092އަށް އަރާފައިވާކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާގެ އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީ( އައި.އާރު.ސީ) އިން ބުނެއެވެ.