އިސްލާމްދީނުގެ މަތިވެރި އަގީދާގެ ނަމޫނާ ކުދިންނަށް ދައްކައި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހއ.އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވަނީ ބޮޑުތަކުރުފާނު ރާއްޖެ ޕޯޗްގީޒުންގެ ކިބައިން ސަލާމަތްކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން، ގައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު ގައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމުކަމަކީވެސް އަދި ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީވެސް ދިވެހި ގައުމިއްޔަތު ހިމާޔަތްކޮށްދެއްވުން ކަމަށެވެ.

އެގޮތުން ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީކަން ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ޢަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި، ތާރީހާއި، ސަގާފަތާއި، އާސާރުތައް ދަމަހައްޓަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި ގައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި އުތީމުގަނޑުވަރުފަދަ މިއަދު ފެންނަންހުރީ މަދު އާސާރުތަކެއްކަން ފާހަގަކުރައްވައި، ކަޅުވަކަރު މިސްކިތްފަދަ މާލޭގާ ހުރި ތާރީހީ ބިނާތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އިސްލާމް ދީނުގެ މަތިވެރި އަގީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެފަދައިން އަދި މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާއި ގޮންޖެހުން ތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުން ދަރިން ތަރުބިއްޔަތުކޮށްދިނުމަކީ ދިވެހިކޮށްމެ ރައްޔިތަކުންވެސް ގައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައްކަން ހަނދާންކޮށްދެއްވާފައެވެ.