ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

އުތީމުގައި ބިނާކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، މުވައްޒަފުން އަދި، އުތީމުގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.  މީގެ އިތުރުން އުތީމު އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސް ސޯލިހު ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވަނީ، އުތީމުގައި ކަރަންޓްގެ ޚިދުމަތް ފެށިގެން އައި ގޮތާއި އެ ހިދުމަތް ތަރައްޤީވެގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްޤީކުރެވިފައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން އެދި އެދި ތިބި ހިދުމަތްތައް ދިނުމުގައި ފެނަކައިން އިހްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.