އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަޒީރުކަން ދޫކޮށްލެއްވުމަށް، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުށަހަޅުއްވައިފައެވެ.

އަދާލަތާ ގުޅިވަޑައިގަންނަވަން ނިންމެވިކަން، މިނިސްޓަރު ޝަހީމް ހާމަކުރެއްވީ މިއަދުއެވެ.

އަދާލަތު ޕާޓީގެ ސްލޮޓްގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރި ދުވަހުގެ ފޮޓޯއަކާ އެކު، ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތްކުރި އަދާލަތު ޕާޓީއާ ‎އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޝަހީމަށް އިމްރާން މަރުހަބާ ވެސް ވިދާޅުވިއެވެ. މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާާން ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވައި ޝަހީމް ވިދާޅުވީ، އަދާލަތުގެ ލީޑަރޝިޕާ ވާދަ ކުރުމަށް ކެބިނެޓު ދޫކޮށްލައްވަން ނުޖެހޭނެ ކަމަށާއި، އެ ޕާޓީގެ މެމްބަރަކު ކެބިނެޓުގައި ހުންނެވުމަށް ދުސްތޫރު މަނާ ނުކުރާ ކަމަށެވެ.

އަދި އޭޕީގެ ރައީސް ކަމަށް ޝަހީމް އިންތިހާބުކޮށްފިނަމަ، އެ ޕާޓީގެ ކޮންގްރެސްއިން އެދިވަޑައިގަންނަވާ ގޮތަކަށް ޕާޓީއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

 

 

 

 

ި

ި