ރަށްރަށުގެ މެދުގައި އޮތް ދުރުކަމާ ފޫހިކަން ނައްތާލާނީ އާރްޓީއެލް ފެރީގެ ހިދުމަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޒޯން އެކެއްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، ”ބޮޑުތިލަދުންމަތި ގުޅާލުން“ މިނަމުގައި، ރޭ ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ރަށްތަކުގެ، ހާއްސަކޮށް ބޮޑުތިލަދުއްމަތީގެ ރަށްރަށުގައި އިހު އޮތް ފުދުންތެރިކަމާއި ތަނަވަސްކަމާއި އުފެއްދުންތެރިކަމާއި އިގްތިސާދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން އެޒަމާނުގައި ސީދާ އަތޮޅުތަކުން ރާއްޖެއިން ބޭރަށް ކުރަމުން އައި ވިޔަފާރި ދަތުރުތަކާއި އެދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އޮތް ގޮތުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ.

ރައީސް ސޯލިހު ވަނީ، ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައި ބަދަލާއި އެކު އަތޮޅުތަކާއި ރަށްތަކުގެ އިގްތިސާދަށް ލިބިގެން ދިޔަ ނިކަމެތިކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިގްތިސާދު ރާއްޖޭގެ ހުރިހާ ރަށަކާ، އަތޮޅަކަށް އަންނަން ޖެހޭ ކަމަށެވެ.

އަދި އެބަދަލު ފެށިގެން އަންނަނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މިބަދަލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރް.ޓީ.އެލްގެ އުޅަނދު ފަހަރުން، ހުވަދުއަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގެ ރަށްތައް ގުޅާލެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ތިލަދުންމައްޗަށް ގެނެވެމުންދާ ބޮޑު ބަދަލުގެ ތެރެއިން، ހަނިމާދޫ އެއާޕޯޓަށް ގެނެވޭ ތަރައްގީ އާއި އެކު ތިލަދުންމަތީގެ އިޤުތިޞާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށް ބޭނުންވާ، 2.1 ބިލިއަންރުފިޔާ ހަމަޖެހި، އެމަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ.

އަދި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއްގެ ގޮތުގައި ތަރައްޤީކުރެވި، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެއް އިމާރާތް ކުރެވޭނެ ކަމަށާއި، އެއާއި އެކު ތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، 8000 ޓޫރިސްޓް އެނދު ޤާއިމްކުރުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.