ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން މެނިފެސްޓޯގައި ހިމަނައިގެން ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށް ތެލެސީމިއާ ކޮމިއުނިޓީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ތެލަސީމިއާ ކޮމިއުނިޓީއާއެކު، ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އަދި އެބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވާފައެވެ.
މިގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، މި ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީއިން ވަނީ މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އެބޭފުޅުން ވަނީ އެމްބީއެސްގެ ހިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އެބޭފުޅުންވަނީ މިކަންކަމުގެ ތަފްސީލީ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވައިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުންވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފައެވެ.
އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއިން ފާހަގަކުރެއްވިކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެކަމަށެވެ.
އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާކަމުގައި ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ހަމައެއާއެކު މިއަދު ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް ”ވެލިޑް“ މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

