ހއ.ބާރަށުގައި ސިހުރު ހެދިކަމަށް ތުހުމަތު ކުރެވިގެން، 8 މީހަކާ ސުވާލުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މުއައްސަސާގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ބާރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން ހިންގި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ 8 ތަނެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 8 މީހުންނާ ސުވާލު ކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސިހުރު ހެދުމަކީ މުޅި ރާއްޖޭގައިވެސް ކުރަމުން އަންނަ ކަމެކެވެ. ސިހުރު ހެދުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެއީ ކަނޑައެޅިގެން ޚަރާމް ކަމެކެވެ.

މިކަމުގެ ނުރައްކާތެރިކަމަކީ، މާތް ރަސްކަލާނގެ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިތާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ.