ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުން އަންނާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އަދި މި އަހަރު މިހައިތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ޖެނުއަރީ މަހުގައި ޑެންގީ ހުން ޖެހިގެން 75 މީހުން ރިޕޯޓުކުރިއިރު، ފެބްރުއަރީ މަހުގައިވ80 ކޭސް، މާޗު މަހުގައި 73 ކޭސް، އޭޕްރީލް މަހުގައި 124 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ޑެންގީން ރައްކާތެރިވުމަށްޓަކައި މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެއެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާވާ ފަދަ ގޮތްގޮތަށް އަމަލު ނުކުރަން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

