ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ފޯރަމްގެ މައުޟޫއު ”ސްޓްރެންތެނިންގ އިންޓެގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ“ އަކީ މިއަދުގެ ހާލަތާއި ގުޅޭ މައުޟޫއުއެއް ކަމަށް ވިދާޅުވިއެވެ.

އަދި، އިންވެސްޓަރ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރެމިއަރ ޑެސްޓިނޭޝަން ލަޤަބު ދެމެހެއްޓުމަށް އޮތް މަގުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީީީސްގެ ވާހަކަފުޅުގައި އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްޤީކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓަރ، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަގްވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވެއެވެ.

އެގޮތުން، ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ގަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އަދި، ވިސްލް ބްލޯވަރޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ޤާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެމަނިކުފާނު ގޮވާލެއްވިއެވެ.

އަދި، އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށްވެެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީގެ ރައީސް، ހިޒް އެކްސެލެންސީ މާޒިން ބިން އިބްރާހީމް އަލް-ހަމޫސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، ނައިބު ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ އަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން އިދާރާތަކަށް އަމާޒުކޮށްގެން ހިންގާ ފޯރަމެކެވެ.

މިފޯރަމްގައި 180އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.