ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން އާއިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ.
މި ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.
މި ކާނިވަލުގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
“އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ. ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ” އެޗްޑީސީން ބުންޏެވެ.
ކާނިވަލުގައި ކުރިއަށްދާނެ ހަރަކާތްތައް:
• ރޮބޯމޭންގެ ހުށައެޅުން
• އެކްޓިވިޓީ ސްޓޯލްތައް
• ގޭމް ސްޓޯލްތައް
• އިންފްލޭޓަބަލް ކާނިވާ ގޭމްސް
• ފޮޓޯ/ވީޑިއޯ ބޫތު
• ފޯމް ޕާޓީ
• ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
• ޓްރެފިކް ޕާކް
• ޑެންޓަލް ޗެކަޕް
މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެއެވެ.

