މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައެވެ.
ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ޤައުމަކީ ދިވެހިރާއްޖެކަމަށާއި، ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހި ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ތެލެސީމިއާ ކުދީންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެ، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށެވެ.
އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުއްމީދު ހަގީގަތަކަށް ވުމަކީ، ގައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

