”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެ ހުށަހެޅުއްވި ކަންކަމާމެދު، ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް އޮފީހުގައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރެއްވިއެވެ.
ހާއްސަކޮށް، އެބޭފުޅުން ލިޔުމުން ހުށަހެޅުއްވި ކަންކަމާމެދު، މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މިގޮތުން ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް 1 ފުރުސަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާން އާއި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

