ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ ”ދިވެހިރާއްޖެ 2.0“ ގެ އެންމެ ބޮޑު އެއް މަގްސަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަގާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުސަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ހިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ކަމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަތަރު އަހަރުގެ މި ބިޔަ މަޝްރޫއުގެ ތެރެއިން، ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މީގެ ފެށުން ކަމަށާއި، އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީ ހިމެނިވަޑައިގަންނަވާހެން އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް އެ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި މި މަސައްކަތުގައި ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި އެމަނިކުފާނު ވަނީ، އެސްޓޯނިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

 

ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ، ކުރު ރާސްތާއެއްގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން މަސައްކަތްކުރައްވަނީ، އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ހާސިލު ކުރެވޭނެ ކަމަށް ހުދު އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުންވެސް ގަބޫލުކުރާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި މި ފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި، މި ބިޔަ މަޝްރޫއުގެ ތެރެއިން ”ޗޭންޖް މެނޭޖްމަންޓް“ ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، 2030 ވަނަ އަހަރު އަންނައިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް ކުރައްވާ އުންމީދު، މިއަދުގެ ޕޮޑްކާސްޓުގައިވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.