މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން ހިންގާ ”މޯލްޑިވްސް 2.0“ މަޝްރޫއުއާ ގުޅޭ ހާއްސަ ސަމިޓެއް މިރޭ ފަށައިފިއެވެ.

މި ސަމިޓު ކުރިއަށްދާނީ މިއަދުން ފެށިގެން، އަންނަ އާދިއްތަދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައެވެ.

މި ސަމިޓުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ޕްރައިވޭޓް ސެކްޓަރ ހިމެނޭހެން، 200 ފަރާތަކުން ބައިވެރިވެއެވެ. ޑިޖިޓަލް ދާއިރާއިން ކުރިއަރައިފައިވާ އެސްޓޯނިއާގެ މަންދޫބުން ވެސް މި ސަމިޓުގައި ބައިވެރިވެއެވެ.

މި ސަމިޓުގައި 10 ކަރުދާސް ހުށަހަޅައި، 40 ޑިސްކަޝަން ސެޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

”މޯލްޑިވްސް 2.0“ އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގައުމީ ތަސައްވުރެވެ.

އެއީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި، އިގްތިސާދު ކުރިއަރަމުންދާ ގޮތާއި، އާންމު ހިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.

ދިވެހިރާއްޖެ ޑިޖިޓަލް ނިޒާމަކަށް ދަތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.