ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، އޭޑީބީން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.

Ads by Asuru

އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރްއެވެ.

އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ރާއްޖެއަށް މިދިން އެހީއަކީ ވެކްސިން ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ދިން އެހީއެކެވެ.

އޭޑީބީން ބުނީ ކޯވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި މިދިން އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޯވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެ ކަމަށެވެ.

އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތަށްވެސް އެހީތެރިވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ.