ދައުލަތުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ދެފުށް ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމަކީ ކޮރަޕްޝަން ނައްތާލެވި، ސަރުކާރުގެ ހިންގުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި، މިކަމުގައި ކުރިއަރައި ގޮސްފައިވާ އެސްޓޯނިއާގައި ވެސް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކަމަށެވެ.

”ކޮރަޕްޝަން ނައްތާލަންޏާ، ގައުމުގެ ހިންގުމުގެ ނިޒާމް އެބަޖެހޭ ޑިޖިޓަލައިޒް ކުރަން. ވަރަށް ސާފު، ވަރަށް ދެ ފުށް ފެންނަ މައްސަލައެއް މިއީ.“ ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލައިޒް ކުރުމުގެ ފައިދާތަކަށް އަލިއަޅުވައިލައްވައި، ރައީސް މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް އަބަދު އެއް މައުލޫމާތެއް އެކި ފަހަރުމަތިން ހިއްސާ ކުރަން ނުޖެހި، އެންމެންނަށް އެއް ވިޔުގައަކަށް އާދެވޭނެ ކަމަށެވެ.

”ހިދުމަތް ދިނުމުގައި، އޮފީސްތަކާ އެކި މުއައްސަސާތަކުގައި، މި ނިޒާމް ގާއިމު ކުރެވިގެން ދިޔުމުން، ވަރަށް ބޮޑަށް ދެ ފުށް ފެނިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއުގެ ތެރެއިން، ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން، ހާސިލު ކުރުމަށް ރާވާ ”މައިލްސްޓޯން“ތައް ހުންނާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ޑިޖިޓަލް ހިދުމަތްތައް ހިމެނޭ އައިޑީކާޑެއް ތައާރަފު ކުރުމާއި، މުޅި ސަރުކާރު އެކުގައި ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމު ކުރުމާއި، ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، އެ ދާއިރާ ވަރުގަދަ ކުރުން ހިމެނިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.