ސޯވިއެޓް ޔޫނިއަނުގެ ދުވަސްވަރު އުފެއްދި ބޮޑު ޖައްވީ އުޅަނދެއް ކަމުގައިވާ “ ކޮސްމޯސް 482″ ދުނިޔެއަށް ވެއްޓިއްޖެއެވެ.
މި އުޅަނދު ދުނިޔެއަށް ވެއްޓިފައި ވަނީ، 53 އަހަރު ޖައްވުގައި ދަތުރު ކުރުމަށް ފަހުއެވެ.
ސްޕޭސް.ކޮމްގައި، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޯސްމޮސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އުޅަނދު ވެއްޓުނީ، އިންޑޮނޭޝިއާގެ ޖަކާޓާގެ ހުޅަނގުން, އިންޑިއާ ކަނޑަށެވެ.
މޮސްކޯ ގަޑިން ހެނދުނު 9:24 ގައި މި އުޅަނދު ވެއްޓުނުއިރު، އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކުރިން ލަފާކުރެވިފައި އޮތީ، މި އުޅަނދު މެދުއިރުމަތި ނުވަތަ ރާއްޖޭގެ ސަރަހައްދަކަށް ވެސް ވެއްޓިދާނެ ކަމަށެވެ.
އަދި މީހުން އުޅޭ ހިސާބަކަށް އުޅަނދު ވެއްޓިއްޖެނަމަ، ބޮޑު ގެއްލުންތަކެއް ވެސް ލިބިދާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ވީނަސްއަށް ފޮނުވައިލި މި އުޅަނދު ފެއިލްވެގެން ވެއްޓުނުއިރު، މި އުޅަނދު ފަރުމާ ކޮށްފައި ވަނީ ވީނަސްގެ ހޫނަށް ކެތްކުރެވޭ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ބަރުދަނުގައި، ބައި ޓަނު ހުރި އުޅަނދެކެވެ.
ި

