އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެ ދެ ގައުމުން އެއްބަސްވުމުން،  ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރި ކުރުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އަދި އެ ދެ ގައުމުގެ ވެރިންނަށް ސުލްހައާއި ޑައިލޮގްގެ މަގު ހިޔާރުކުރުމަށްޓަކައި، އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވި ކަމަށްޓަކައި މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

އިންޑިއާ އާއި ޕާކިސްތާނުން ހަނގުރާމަ މެދުކަނޑައިލުމަށް އެއްބަސްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާ މެދުވެރިވެ ދިގު މަޝްވަރާތަކަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން ހާމަ ކުރުމުން، އެކަމާ އުފާ ކުރާ ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވިތާ، ކުޑައިރުކޮޅެއްގެ ތެރޭގައި ކަޝްމީރުގައި ގޮވުންތަކެއް ގޮވައިފައިވެއެވެ. މިކަމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުން ވަނީ އެއް ގައުމު އަނެއް ގައުމަށް ތުހުމަތުތައް ކޮށްފައެވެ.