”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހު ކުރި ޕްރޮގްރާމެކެވެ.

އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫއުއެކެވެ.

މި މަޝްރޫއުއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއުއެކެވެ.

”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އަކީ މިރޮނގުން ހިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުގެ މެދުގައި ބޭއްވި ތިން ދުވަހުގެ ސަމިޓެކެވެ.

މި ސަމިޓުގައި، މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ  ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުއާމަލާތްތަކަށް މަގުފަހިކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ގާއިމުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ޑިޖިޓަލް ރޮގުން މުސްތަގުބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އަދި އައިސީޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލުކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާން ވަނީ ގައުމީ ޑިޖިޓަލް އިގުރާރު ރައީސްއަށް އަރުވާފައެވެ.

މި އިގުރާރު އެ މަނިކުފާނަށް އަރުވާފައިވަނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން މި ސަމިޓްގެ ހުރިހާ ސެޝަންތަކެއްގެ ސްޕީކަރުންނާއި މޮޑެރޭޓަރުނާއި ޕެނަލިސްޓުން އަދި އެސްޓޯނިއާ ސަރުކާރުގެ މާހިރުންގެ އިތުރުން އައި.ސީ.ޓީ ކޮމިޓީގެ މެންބަރުންގެ ހާޒިރުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.