ހުޅުމާލޭގައި ހުންނަ ”ފިޒިއޯ ކްލިނިކް“ އަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި، ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން އިއްޔެ ބަންދުކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
މި މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކުރުމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އެ ކްލިނިކުން ބުނީ މިކަން ސަމާލުކަމަށް އައުމާއެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށެވެ.
އަދި އެ މައްސަލައިގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
އެ ބަޔާނުގައި ބުނީ، އެ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.

