ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑަށް 1،750 ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްދީފިއެވެ.
އެކްސްގައި މިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި ގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސްގެ މި އެދިވަޑައިގަތުމާއި ގުޅިގެން ބީއެމްއެލް އިން ބުނީ ޑެބިޓު ކާޑުތަކަށް މަހެއްގެ މައްޗަށް ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ އިތުރަށް ހައްޖުވެރިންނަށް 1،750 ޑޮލަރު ލިބޭނެ ކަމަށެވެ.
ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ހައްޖުވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަން އިން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރު ކޮށްދޭނެއެވެ. ކާޑު ލިމިޓް ހަމަޖެހުމުން ބޭންކުން އެސްއެމްއެސް ފޮނުވާނެ އެވެ.
މިދިޔަ ރޯދަމަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1،500 ޑޮލަރު ހަމަޖެއްސުމާ އެކު، 1،300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9،000 މުއާމަލާތް ކޮށްފައިވެއެވެ.

