ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް-ސަބާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ޒިޔާރަތުގައި މިނިސްޓަރު ހަލީލު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ހިޒް ހައިނަސް، ޝައިހް މެޝަލް އަލް- އަހުމަދު އަލް-ޖަބިރު، އަލް- ސަބަހް އަދި ކުވޭތުގެ ލީޑަޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.

އަދި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހަލީލު ވަނީ ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތުގެ ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކުވޭތުގެ ވަގުތީ ބޮޑުވަޒީރު ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.