ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ފާސްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުއްލި ތަހުގީގެއް ހިންގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.
އެ ދެ ފަނޑިޔާރުންނާ އެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑްކުރިއެވެ.
ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނާ ވަނީ މާޗް މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވައިފައެވެ.
މަހާޒާއި އަޒްމިރަލްދާ ވަކި ކުރިއިރު، މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން އެ ދެބޭފުޅުން ވަނީ ސަސްޕެންޝަނެއްގައެވެ.

