ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 60 އަށްވުރެ ގިނަ ޓީމާއެކު މަސްރޭހެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭ ގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 64 ޓީމަކުން ފޯމު ހުށަހެޅި ކަމަށެވެ.
”މައި ހުޅުމާލެ“ މަސްރޭސް ކުރިއަށްދާނީ މާދަމާގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި، ރޭހުގެ އެއްވަނަ ޓީމަށް 21،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެންމެ ބޮޑު މަސް ބާނާ މީހަކަށާއި އެންމެ މޮޅު ކެޔޮޅަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާއެވެ.
މަސް ރޭސް ކުރިއަށްދާ ވަގުތު ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހާއްސަ ހަރަކާތެއްވެސް ކުރިއަށްދާނެއެވެ.
ރޯލާ ބްލޭޑާސްއާއި ސްކޭޓް ބޯޑާސް އަދި ސްކޫޓާ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ.
އެ ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރުފަހު 2:00އެވެ.

