އިދިކޮޅު އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމު ހަލާކު ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ބޮޗޭ ވިދާޅުވީ، ޒުވާނުންތަކެއް އިސްނަގައިގެން މިފަހުން ބޭއްވި މުޒާހަރާގެ ތެރެއަށް އެމްޑީޕީން ވަދެ، ހަމަނުޖެހުން އުފެއްދޭތޯ މަސައްކަތް ކުރި ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، ޒުވާނަކު މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް ވެއްޓުނު މައްސަލައިގައި ބައެއް ޒުވާނުން ކުރި މުޒާހަރާއަށެވެ. އަދި އަދުލު އިންސާފު ހޯދުމުގެ ނަމުގައި އިއްޔެ ވެސް އެމްޑީޕީން އެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން-

 

ބޮޗޭ ވަނީ މި ސަރުކާރުގެ ފުރަތަމަ އަހަރުގައި އެއްވެސް ކަމެއް ހާސިލު ނުވާ ކަމަށް ބުނާ ފަރާތްތަކަށް ހޫނު ރައްދެއް ވެސް ދެއްވިފައެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ”ތިޖޫރީގެ އަޑި“ ވެސް ނެތް ކަމަށެވެ.

”ފުރަތަމަ ޖެހުނީ ތިޖޫރީއެއް ގަންނަން. އެ ގަނެގެން، އެއަށް ފައިސާ އަޅައިގެން ނޫންތޯ ކަމެއް ފެށޭނީ“ އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު ގައުމު ދަރައި، އެމަނިކުފާނު މަގާމުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށް އިދިކޮޅު ފަރާާތްތަކުން ބުނަމުންދިޔަ ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް ބޮޗޭގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.