ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އާއިލާތަކުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެެވެ.
އަދި، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، ގައުމުގެ ތަރައްގީއާއި އާއިލާތަކުގެ ގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓްގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސްގެ ޕޯސްޓްގައި ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށްވެސް އެދިވަަޑައިގަންނަވާފައިވެއެވެ.
ދިވެހިރާއްޖެއަކީ ގައުމުގެ އިޖްތިމާއީ ތަރައްގީގައި އާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ގަބޫލުކުރާ ގައުމެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި އާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
މީގެ ތެރޭގައި އާސަންދަ ސިއްހީ ހިދުމަތުގެ ނިޒާމް ތައާރަފު ކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ހިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމައުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، އާއިލާތަކުގެ ތެރެއިން މުޖުތަމައުއަށް ނިކުންނަ ކުދިންނަކީ ދުޅަހެއު، ތައުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު އާއިލާތައް ބާރުވެރިކުރުމަށް ގާއިމު ކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ.
މީގެ އިތުރުން، މިދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގަން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

