ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާހުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ވަކި ގައުމެއްގައި ކަން ކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ ފައިދާ، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ބޮޑުކަން، ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ރިޔާސީ އިންތިހާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް ވަކާލާތުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިބަދަލާއެކު މިހާރު އޮންނަގޮތަށް، ދެ ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަންކަން މި ގޮތަށް ނިންމުމުން ހަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާ، ނަމަވެސް މިކަން ނިންމަވާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިގެން ކަމުގައި ރައީސް ވިދާޅުވިއެވެ.

ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުސަތު މާބޮޑުވާކަމަށް ގަބޫލު ކުރައްވާކަމުގައިވެސް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސް ވަނީ މި ޕޮޑްކާސްޓްގައި ހިއްސާ ކުރައްވައިފައެވެ.

ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ގަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.

ހަމަ މިފަދައިން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާ ކުރައްވާފައެވެ.

އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް ތިން މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް ފަސް މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ހަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ހަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު ރައްޔިތުންނާ ގާތުންކަމުގައި ރައީސް ތަކުރާރުކުރެއްވިއެވެ.

މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސް ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.

”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓް ސިލްސިލާގެ މި ހަފުތާގެ އެޕިސޯޑް ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ، ރިޔާސީ ދައުރު ފެށޭ ތާރީޚަށް އައި ބަދަލު، އަނބުރާ ދެން އިޔާދަ ކުރެވިދާނެތޯ ކުރެވޭ ސުވާލަށްވެސް ޖަވާބުދެއްވާފައެވެ.

އެގޮތުން، ރިޔާސީ ދައުރު ފެށޭ ތާރީހު ބަދަލު ކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި މިކަން ކުރެވިގެންދާނީ ގާނޫނަށް ގެނެވޭ އިސްލާހެއްގެ ދަށުންކަންވެސް ފާހަގަކުރެއްވިއެވެ.

”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓަކީ، ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓެކެވެ.