ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހަމަޖައްސައިފިއެވެ.
މިގޮތަށް ނިންމީ ރޭ ކުރިއަށް ދިޔަ ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައެވެ.
ޝިޔާމާއި ޣައްސާނަކީ ޕީޕީއެމް އުވައިލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެއެވެ.
މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، މިނިސްޓަރު މުހައްމަދު ސައީދާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލާއި، ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

