އިޒްރޭލުގެ އަނިޔާވެރި ޔަހޫދީ ޓެރަރިސްޓުން ހިފާފައިވާ ޣައްޒާގެ މިލިއަނެއްހައި ރައްޔިތުން ލީބިޔާއަށް ބަދަލު ކުރުމުގެ ވިސްނުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައިނުވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ޣައްޒާގެ ރައްޔިތުން ލީބިޔާއަށް ބަދަލު ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވަނީ، އެތައް އަހަރެއް ކުރިން ފްރީޒްކުރި ފަންޑުތައް ލީބިޔާއަށް ދޫކުރާ ގޮތަށެވެ. އަދި ލީބިޔާގެ އިސްވެރިންނާ މިކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

އެންބީސީން މި ޚަބަރު ރިޕޯޓު ކުރުމުން އެމެރިކާގެ އޮފިޝަލަކު ވަނީ އެ ވާހަކަ ދޮގު ކޮށްފައެވެ.

މި ރިޕޯޓާ ގުޅިގެން ހަމާސްގެ އޮފިޝަލަކު ވިދާޅުވީ، އެ ވާހަކަ އެނގިވަޑައިގެންފައިނުވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަކީ އެމީހުންގެ ބިމާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް ކަމަށެވެ.

އަދި ބިމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ވެރިކަމާ ހަވާލުވިފަހުން، ޓްރަމްޕް ވަނީ، ޣައްޒާގެ ރައްޔިތުން އަރަބި އެކި ގައުމުތަކަށް ބަދަލު ކުރާ ވާހަކަ ތަކުރާރުކޮށް ދައްކައިފައެވެ.

އެގޮތުން މިސްރާއި އުރުދުން އަށް ޣައްޒާގެ ރައްޔިތުން ބަދަލުކޮށް، ޣައްޒާ ”ސާފު“ ކުރުމަށް ޓްރަމްޕް ހުށަހަޅާފައިވެއެވެ. ނަމަވެސް ފަލަސްތީނާއި އަރަބި ގައުމުތަކުން ވެސް އެ ޕްލޭނާ ދެކޮޅުހެދިއެވެ.