ކުރީގެ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ މިމަހު ދޭން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ހޯދައިދިނުން ކަމަށެވެ.
ގޯތިތަކުގެ ރެޖިސްޓްރީ ހެދުމަށް ދަތިވެފައިވަނީ ކުރިން ރަޖިސްޓްރީ ދީފައިވާ މީހުންނަށް ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާފައިވާނީ ކޮމާޝަން ބޭނުންތަކަށްވެސް ޖާގަ އޮންނާނެ ގޮތަށް ކަމަށެވެ.
”މި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. މާތްﷲ ގެ އިރާދަފުޅާއެކު މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފެށޭނެއެވެ،“ މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އެކަން ހައުސިން މިނިސްޓްރީން އިއުލާން ކުރީ އިއްޔެއެވެ.

