އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މި ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެކަނި ވެސް، 200 އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ރައީސް ވަނީ އިޒްރޭލުގެ އަމަލުތަކަށް ޒިންމާދާރު ކުރުވަންޖެހޭކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، ޣައްޒާ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.

މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީން، ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުން ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.