ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިހުތިޔާރުތަކަކާއި ފުރުސަތުތަކެއް ލިބުން.
2. ކޮންމެ ކުޅިވަރެއްގެވެސް ސަރަހައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ގާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅުން. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފެށުން.
3. ކުޅިވަރުގެ ވަކި ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުން.
4. ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން
5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ހާއްސަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން.
6. ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، ”މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ“ ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުން.
7. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ގާއިމުކޮށް އަމަލުކުރަން ފެށުމަށް ކަނޑައެޅުން. (މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާކަމެކެވެ).
8. ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދަން އޮތަށް ފުރުސަތު ފަހިވުން. (މިގޮތުން ’އިންޓަރ ސްކޮލަރސްޓިކް‘ ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް މި ގާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވަމުންދާނެއެވެ.)
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު، މި ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެޓަރނީ ޖެނެރަލްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް، ކުޅިވަރުގެ ދާއިރާގެއެހާރާއި މިހާރުގެ މަޝްހޫރު ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ރައީސް ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
މި ބިލަކީ، 5 މެއި 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

