މިއަދު ތަސްދީގު ކުރެވިގެން ދިޔަ، ކުޅިވަރުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން، ކުޅިވަރު ކުޅެން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެމަނިކުފާނު ވިދާޅުވީ، މި އިސްލާހުގެ ދަށުން، ގައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ މެމްބަރަކު ވެސް ހުންނާނެ ކަމަށެވެ.

”މިއީ ވެސް ވަރަށް މުހިންމު ކަމެއް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރެޕްރެޒެންޓު ކުރާނެ މެމްބަރަކު އިންނަ ގޮތް ހަމަޖެހިގެން ދިޔުން.“ ރައީސް ވިދާޅުވިއެވެ.

އަލަށް ތަސްދީގު ކުރެއްވި ގާނޫނުގެ ސަބަބުން، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒު ކުރެވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ވެސް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ތެރޭގެ ކުޅިވަރަށް ސަމާލުކަން ބޮޑުވެ، އަތޮޅު ތެރޭގައި ކުޅޭ ކުޅުންތެރިންގެ ހުނަރު ދެނެގަނެ، އެ ކުޅުންތެރިން ގައުމީ ޓީމާ ހަމައަށް ގެނެވޭނެ ނިޒާމެއް، ގާނޫނުގެ ތެރެއިން ފަހިކޮށްދެވޭނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަމަށް އެހީތެރިވެދޭނީ ސަރަހައްދީ ކުޅިވަރު އިދާރާތައް، އެސޯސިއޭޝަންތަކުގެ ސަރަހައްދީ އިދާރާތައް ކަމަށެވެ.

އަދި އެ ސަރަހައްދީ އެސޯސިއޭޝަންތަކުން މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލް ކުރެވޭނެ ކަމަށާއި، ރަނގަޅު ވާދަވެރިކަމެއް ސަރަހައްދީ ލެވެލްގައި އުފެދިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.