ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވިދާޅުވީ އެބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ.

އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ.

އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ހައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.