ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ކުރާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ހާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފިއެވެ.

ދުންފަތް ކޮންޓްރޯލު ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކޮންމެ އަހަރަކު ވެސް އެވޯޑުދެއެވެ.

މީގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ހާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނެއެވެ.

މިގޮތުން މި އަހަރު ދިން އެވޯޑުތަކުގެ އިތުރަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ ރިކޮގްނިޝަން ސެޓްފިކެޓްވެސް ވަނީ ހިމަނާފައެވެ.

މިގޮތުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ދެން މި އެވޯޑް ލިބިވަޑައިގަތީ މޮރިޝަސްގެ ހެލްތު އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.

ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.

އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފައެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.

އަދި 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.