ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާޙު ގެނައުމަށް ނިންމަވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.
މި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތައް ތިރީގައި މި ވަނީއެވެ.
ކައުންސިލެއްގެ ރައީސްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ހާލަތެއްގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވިއިރު އެ ކޮމިޓީގެ އުމުރުގެ ބާކީ އޮތީ 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ހާލަތުގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބު ކޮށްގެންނުވާނެއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

