ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅުއްވައިފައިވާ ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން މައުލޫމާތު ދެއްވައިފިއެވެ.
އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
އިނާމަށް ހުށަހެޅުއްވި ބޭފުޅުން ހުށަހެޅުއްވި ވަޒީފާގެ ލިޔުންތައް ކޮމިޓީން މިހާރުވަނީ ބައްލަވައި، އޭގެތެރެއިން އިންޓަރވިޔުއަށް ޝަރުތު ހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައެވެ.
އެ ބޭފުޅުންނާ ކޮމިޓީން މިއަދު ވަނީ އިންޓަރވިޔު ކުރައްވަން ފަށްޓަވާފައެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ގާބިލު ކަމާއި، އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

