ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ފަންގިފިލާގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.

މި މަޝްރޫއު ނިމުމުން މުލީގެ އިތުރުން މި އަތޮޅުގެ ގިނަ ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.